ބާސެލޯނާ (މާޗް 12) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި
މިރޭ އޭސީ މިލާނާ ދެކޮޅަށް ނުކުންނައިރު ބާސެލޯނާގެ ޓެކްޓިކްސް އަށް
ކޮންމެ ބަދަލެއް ގެންނަން ޖެހުނަސް އެކަމަށް ތައްޔާރަށް ހުރި ކަމަށް އެ
ޓީމުގެ ވަގުތީ ކޯޗު ޖޯޑީ ރޯރާ ބުނެފި އެވެ.
ފުރަތަމަ ލެގުން 2-0 އިން ބާސެލޯނާ ބަލިވެފައިވުމުން މިރޭ
އަމިއްލަ ދަނޑުގައި ތިން ލަނޑު ޖަހައިގެން ނޫން ގޮތަކަށް އެ ޓީމު ކުއާޓާ
ފައިނަލަށް ނުދާނެ އެވެ. އަދި މިލާނުން ލަނޑެއް ޖަހައިފި ނަމަ ބާސެލޯނާ
އަށް ދެ ގުނަ މަސައްކަތްކުރަން ޖެހޭނެ އެވެ.
މިލާނުގެ ޑިފެންސިވް ކުޅުމުގެ ކުރިމަތީގައި ބާސެލޯނާ އިން ލަނޑު
ޖެހުމަށްޓަކައި ހަތަރު ފޯވާޑުން ބޭނުންކުރާނެ ކަމަށް ރިޕޯޓްތައް ބުނެ
އެވެ. ރޯރާ ބުނީ މެޗު ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ
ކަމަށެވެ.
"މެޗު ކުރިއަށްދާ ގޮތަކަށް ބަލާނީ. އަހަރެމެންގެ ޓެކްޓިކަލް
ސިސްޓަމަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ދަނޑިވަޅެއް އައިސްފި ނަމަ އެކަން
ވެސް ކުރާނަން،" ރޯރާ ބުންޏެވެ.
ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ މިއީ އެ ކްލަބުގެ ތާރީހުގައި
ފެންނާނެ އެންމެ މޮޅު ޓީމު ކަމަށާއި އެހެންވެ މިރޭ ކާމިޔާބީ ހޯދޭނެ
ކަމަށެވެ.
"މިހާރު އޮތީ ބާސެލޯނާގެ ތާރީހުގައި ވެސް ނުކުންނަ އެންމެ
ވަރުގަދަ ޓީމު. އަހަރެމެންގެ ފެންވަރު އަހަރެމެންނަށް އެނގޭ. ފާއިތުވި
ދުވަސްތަކުގައި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް މިރޭގެ މެޗުގައި ނަތީޖާ
އަނބުރާލެވިދާނެ. އެކަމާ ޝައްކެއް ނެތް،" ޕީކޭ ބުންޏެވެ.
އޭނާ ބުނީ މިލާނުން އެއް ލަނޑު ޖެހިޔަސް އެއީ ބާސެލޯނާ އަށް
ކުރިމަތިވާނެ ބޮޑު ހުރަހެއް ކަމަށާއި އެކަމަކު އިތުރު ހަތަރު ލަނޑު ޖެހޭ
ފެންވަރު އެބަހުރި ކަމަށެވެ. --އޭއެފްޕީ

Post a Comment