Home » , » ލާދީނީ ނޫން ވެއްޖިއްޔާ ﷲގެ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

ލާދީނީ ނޫން ވެއްޖިއްޔާ ﷲގެ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

Written By Unknown on Tuesday, March 12, 2013 | 10:38 PM

بسم الله نحمده ونستعينه.

އަހަރެމެން އެބަ ބުނަމުއެވެ. އަހަރެމެން އެންމެންނަކީވެސް މުސްލިމުންނެވެ. އެހެންކަމުން އަހަރެމެން ލާދީނީ ބަޔަކަށް ނުވާނެއެވެ. އެހެންކަމަށްވާނަމަ އެފަދަ މީހުންނާ ކޮށްލަން ސުވާލެއް އެބައޮތެވެ؟ އެހެންވިއްޔާ މުސްލިމަކަށްވެ ހުރެ ﷲއަކީ ހުރިހާ މަޚުލޫޤޫން އުފެއްދެވި އިލާހު ކަމާއި އެއިލާހު ބާވާލެއްވި ޝަރީޢަތަކީ އެންމެ މޮޅު ޝަރީޢަތްކަމަށް ވާހިނދު އެޔާ މެދު ޝައްކު އުފެދި އެޔަށް މަލާމާތްކޮށް އެޔަށް އިންކާރު ކުރަނީ ކީއްވެ ހެއްޔެވެ؟ މުސްލިމުން ނަކީ ތެދުކޮށް އީމާންވާ މީހުންނެވެ. މުސްލިމުން ކިޔަނީ ކިޔަމަން ގަންނަ މީހުންނަށެވެ. އެހެންކަމަށްވާނަމަ ތިޔަބުނާ ބަހުގެ ތެދުކަން ސާބިތުކޮށްދޭށެވެ.
އެބައިމީހުން ބުނާގޮތުގައި ލާދީނީ މިލަފުޒު ބޭނުންކުރެވޭނީ މުސްލިމު ނޫން ކާފަރުންނަށެވެ. އެހެންކަމަށްވާނަމަ ބުނަމެވެ. އެހެންކަމަށްވާ ނަމަ އެލަފުޒު ﷲގެ ޝަރީޢަތަށް އިންކާރު ކުރާ މީހުންނަށް ބޭނުންކުރެވޭނެއެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ހަތް އުޑު މަތިން ބާވާލެއްވި ފޮތުގައި އެފޮތުގެ އާޔަތްތަކަށް އިންކާރު ކުރާ މީހުންނަކީ ކާފަރުން ކަމުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ.

وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُ‌ونَ

އަދި ތިމަންއިލާހުގެ އާޔަތްތަކާއި މެދު ކާފަރުންމެނުވީ އިންކާރުނުކުރެއެވެ.

(އަންކަބޫތު ސޫރަތުގެ 47 ވަނަ އާޔަތުން)

އޭ އަޚުންނާއި އުޚުތުންނޭވެ. ދަންނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ރަޙުމަތްލައްވާށިއެވެ. އަދި އެއިލާހު ރުއްސަވާ މަގަށް މަގު ދައްކަވައި ޙައްޤު ޙައްޤުގެ ގޮތުގައި ދައްކަވައި ބާޠިލު ބާޠިލުގެ ގޮތުގައި ފެނުމުގެ ތައުފީޤު ތިބާއަށާއި އަޅުގަނޑަށް ދެއްވާށިއެވެ. އަޅުގަނޑު މިބުނަނީ ތިބާ ކާފަރެކޭ ނޫނެވެ. އަދި ކިއެއްތަ މިބުނަނީ ﷲ ސުބުޙާނަހޫ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައިވާ ވާހަކައެކެވެ. އެއިލާހު އެއަންގަވަނީއެވެ. ކާފަރުންމެނުވީ ﷲ ގެ އާޔަތްތަކަށް އިންކާރު ނުކުރެއެވެ.  އެއިލާހުގެ އާޔަތްތަކުގެ ތެރެއިން ޙައްދު ޖެހުމާއި ބެހޭގޮތުން އޮޮތް މިއާޔަތް ނުދެކެމުތޯއެވެ؟

الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَ‌أْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ

 ނޫރު ސޫރަތުގެ ދެވަނަ އާޔަތް

މާނައީ: “ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެމީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّهއަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވަނީނަމަ، اللَّهގެ ދީނުގައިގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުންނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކަށް ދައްކާހުށިކަމެވެ.” (ނޯޓު: އެއީ މީހަކާއި އިނުމުގެ ކުރިންނެވެ. ކައިވެންޏެއް ކުރުމަށްފަހު ޒިނޭކޮށްފިނަމަ އެބައިމީހުންގެ ޙުކުމަކީ ރަޖަމުކުރުމެވެ)

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ މިންގަނޑަކީ ބާލިޣުވެފައިވާނަމަ އެއީ ބޮޑު މީހެއްގެ ޙުކުމް އެމީހަކަށް ހިނގުމެވެ. ނަމަވެސް މުނާފިޤުންނާއި އަދި ކާފަރުން މި ޙުކުމްތަކަށް އިންކާރުކުރެއެވެ. އެބައިމީހުން ބޮޑުވާ އުމުރު އަމިއްލައަށް ކަނޑައެޅިއެވެ. އަދި އެވަރުން ނުފުދިގެން ޙައްދު ޖެހުމުގެ ޙުކުމަށް އިންކާރު ކުރިއެވެ. ދިވެހިރާއްޖޭގައި ކުރިން އެބައިމީހުން އަމިއްލައަށް ކަނޑައަޅާފައިވާ ބޮޑެތި މީހުންނަށް ހައްދުޖެހުމަށްވެސް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެކަމަށް ކެމްޕެއިން ކުރަމުންދެއެވެ. މިހާރު ރާއްޖޭގައި  ދިމާވެގެން މިއުޅެނީ އެއްމައްސަލައެކެވެ. އެބައިމީހުން ކުޑަކުދިންގެ ޙައްޤޭ އަންހެނުންގެ ޙައްޤޭ ކިޔަސް އަދި ނަން ބޭނުންކުރިޔަސް އެބައިމީހުންގެ ބޭނުމަކީ ﷲގެ ޝަރީޢާއަށް އިންކާރު ކުރުމެވެ. އެބައިމީހުންގެ ބޭރުގެ ނޫސްތަކުގައި މިކަމަށް ދަނީ ގަދަޔަށް ކެމްޕެއިންކޮށް ކާފަރުންގެ އަތުން ޝަރީޢަތުގެ ޙުކުމް ދުއްވާލުމަށް ފަންޑުހޯދަމުން އެދަނީ އެއްވެސް ލަދެއް ހަޔާތެއް ބިރެއް ނެތިއެވެ. ދެންވެސް އެބައިމީހުންނަށް ކިޔަންވީ ދީނީ މީހުންތޯ އެވެ؟ ނުވަތަ ދެން އެބައިމީހުން ވާނީ ކޮންބަޔެއްގެ ތެރެއިން ތޯ ތިޔައަޚާ ވިސްނާލާށެވެ. އާދެ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ކަމަކަށް މުއުމިނަކު އިންކާރު ނުކުރާނެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَ‌سُولُهُ أَمْرً‌ا أَن يَكُونَ لَهُمُ الْخِيَرَ‌ةُ مِنْ أَمْرِ‌هِمْ وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴿الأحزاب: ٣٦﴾

މާނައިގެ ތަރުޖަމާއީ: އަދި اللَّهއާއި، އެއިލާހުގެ ރސޫލާ  ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައިއެއުރެންނަށް އިޚްތިޔާރުއޮތުމަކީ ނެތްކަމެކެވެ. އަދި اللَّهއަށާއި، އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާމަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.”

އޭ ކިޔުންތެރިންނޭވެ. ﷲ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާށިއެވެ. ފަހެ މިއާޔަތުން މުއުމިނުންގެ ސިފަ އެއިލާހު އެބަ ބަޔާންކުރައްވައެވެ. އެއީ އެއިލާހު ކަނޑައަޅުއްވާ ކަމަކަށް އެބައިމީހުންނަށް އިޚުތިޔާރު ނެތުމެވެ. މުއުމިނުން އެކަމަށް ފާޑު ކިޔައި ޕެޓިޝަން ހަދައި އެއިލާހުގެ ޝަރީޢަތާ ދެކޮޅަށް މަސައްކަތްކުރާނެ ހެއްޔެވެ؟ އޭ ކިޔުންތެރިންނެވެ. ﷲ ތިބާއަށް އެއިލާހު ރުއްސަވާ މަގަށް ތައުފީޤު ދެއްވާށިއެވެ. ދެން ފަހެ މިއާޔަތުގައި އެވާފަދައިން އެއިލާހު އަންގަވާފައިވާ ކަމަކާއި ދެކޮޅު ހަދާ ބަޔަކީ މަގުފުރެދިފައިވާ ބަޔެއްކަން ކަށަވަރު އަދިވެސް ނުވޭތޯއެވެ؟ އެބައިމީހުންގެ ކިބައިން ބަރީއަވެ ﷲއާއި ރަސޫލާއަށް ކިޔަމަންވާ މީހުންގެ ތެރެއިން ވާން އަދިވެސް ނުވޭތޯއެވެ؟ ލަސްކުރާނީ ކިހާއިރެއް ވަންދެންތޯއެވެ؟ ﷲ ތަޢާލާ އެއަންގަވަނީ އެއީ މަގުފުރެދިފައިވާ މީހުންކަމުގައެވެ. އަޅުގަނޑުގެ ބަހެއްނޫނެވެ.

އާދެ ﷲ ސުބުހާނަހޫ ވަތަޢާލާ އެފޮތަކާއި މެދުގައި ވަޙީކުރައްވަނީ މިފަދައިންނެވެ.

ذَٰلِكَ الْكِتَابُ لَارَ‌يْبَ ۛفِيهِ ۛهُدًىلِّلْمُتَّقِينَ ބަޤަރާ ސޫރަތުގެ ދެވަނަ އާޔަތް

މާނައިގެ ތަރުޖަމާއީ: މިއީ އެފޮތެވެ(ޤުރުއާނެވެ) އެފޮތަކާއި މެދުގައި އެއްވެސް ޝައްކެއްނެތް ފޮތެވެ. (އެފޮތަކީ)ތަޤުވާވެރިންނަށް ހުރި ހިދާޔަތެކެވެ.”

އޭ ﷲއަޅާއެވެ. ތިބާއަށް ﷲ ރަޙުމަތް ލައްވާށިއެވެ. ދެން އެފޮތުގެ ޙުކުމްތަކާއި މެދު ޝައްކުކުރާ މީހާ ޝައްކެއްނެތް ކަމަށް ﷲ އަންގަވާފައިވާ އާޔަތާއި މެދު އިންކާރު ނުކުރޭތޯއެވެ؟ ދެން ނިކަން ސުވާލުކޮށްލަބަލާށެވެ. އެމީހުން ހަމަ ޤުރުއާނަށް ތަބާ އެބަވޭ ހެއްޔެވެ؟ ނުވަތަ އެފޮތުގެ އާޔަތްތަކާއި މެދުގައި ދެކޮޅު ހަދައި އެބައިމީހުންގެ ހަވާނަފުސު އިސްނުކުރޭ ހެއްޔެވެ؟

ނިންމުން

އޭﷲ އަޅާއެވެ. ﷲ ތިބާއަށާއި އަޅުގަނޑުމެންނަށް ހިދާޔަތު ދައްކަވައި ހިތް އީމާނުން ފުރުއްވާށިއެވެ. އަދި މި ސުވާލު ތަކާއި މެދުގައި ނިކަން ފުންކޮށް ވިސްނާލައްވާހުށިކަމެވެ.

ކީރިތިޤުރުއާނުގެ ސާބިތު ހުކުމަކަށް މުސްލިމަކު ނުވަތަ ލާދީނީ ނޫން  މީހަކު އިންކާރުކޮށްފާނެ ހެއްޔެވެ؟ އެފޮތުގައިވާ ޙުކުމްތަކަކާއި ބެހޭގޮތުން ސުވާލުއުފައްދައި އެޔާ ދެކޮޅަށް ޕެޓިޝަން ހަދައި ސޮއެ ކޮށްފާނެ ހެއްޔެވެ؟ އަދި މުސްލިމަކު އެފޮތުގެ ޙުކުމްތަކާ ދެކޮޅަށް ދެއްކޭ ވާހަކަތަކާއި ﷲ ގެ ބަސްފުޅުގެމައްޗަށް ކިޔޭ ބަހަށް ތާއީދުކޮށްފާނެ ހެއްޔެވެ؟ އަދިއެފޮތުގެ ހުކުމްތަކަށްވުރެ މޮޅު ހުކުމްތަކެއް ގެނައުމަށް ގޮވާލާ މީހުންނަށްތާއީދުކޮށްފާނެ ބާވައެވެ؟ ނޭނގި ކުރެވޭ ފާފަތައް މިއުއްމަތުގެ މައްޗަށް ޢަފޫކޮށްދެއްވަވައެވެ. ވީމާ ތިބާއަށް ނޭންގި މިފަދަކަމަކަށް އަރައިގަނެވިފައިވާ ނަމަ ތައުބާ ވުމުގެ ތަޢުފީޤު ދެއްވާށިއެވެ. އަދި ﷲގެ ޙަޟްރަތަށް ތައުބާވާ މީހުންކަމުގައި އަޅުގަނޑުމެން އެންމެން ލައްވާށިއެވެ.

އޭބުއްދީގެ އަހުލުވެރިންނޭވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅުތަކާއިމެދު ނުވިސްނަމު ހެއްޔެވެ؟ ވިސްނާ ފިކުރުކޮށް ތައުބާވާ ބަޔެއްކަމުގައިއަޅުގަނޑުމެން ވުމަކީ އޮތް އެންމެ ހެޔޮމަގެވެ. ﷲ ސުބުޙަނަހޫ ވަތަޢާލާއަޅުގަނޑުމެންގެ ތަޢުބާ ޤަބޫލުކުރައްވާ އިލާހެވެ. އެއިލާހުބޭނުންވެވޮޑިގެންވަނީ އަޅުގަނޑުމެންގެ ފާފަތައް

ފުއްސަވައި ދިނުމަށެވެ. އެއިލާހު ވަހީކުރައްވާ މިބަސްފުޅު ނާހަމުހެއްޔެވެ؟

وَاللَّـهُ يُرِ‌يدُأَن يَتُوبَ عَلَيْكُمْ

“އަދި ﷲ ސުބުޙަނަހޫ ވަތަޢާލާ ބޭނުންވެވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ތަޢުބާތައް ޤަބޫލުކުރެއްވުމަށެވެ.”

އަޅުގަނޑުމެންނަކީ އެއިލާހަށް ކިޔަމަންތެރިވާ ބަޔެއްކަމުގައި ލައްވާށިއެވެ. އަދި މުޅި އިސްލާމީ ޢުއްމަތަށް ނަސްރު ދެއްވައި މުސްލިމުންނާއި ދެކޮޅަށްމުސްލިމުން ބަލިކަށި ކުރުމަށް ރާވަމުންދާ ފަރާތްތައް ބަލިކުރައްވައިއެބައިމީހުންގެ ސަފުތައް ވިއްސިވިހާލު ކުރައްވައި އެބައިމީހުންގެހިތްތަކަށް ބިރުވެރިކަމާއި ބަލިކަށިކަން ލައްވާށިއެވެ. އަދި އެބައިމީހުންގެކިބައިން މުސްލިމުންގެ ހިތްތަކަށް ހަމަޖެހުން ދެއްވާށިއެވެ. އާމީން

والله أعلم

وصلى الله وسلم على نبينا محمد وآله وصحبه أجمعبن


ލިޔުނީ: ޢަބްދުރަޙީމް
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. އަޖުމަބަލާ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger