Home » , » ވިލުފުށީ ސްމާޓް ސްކޫލު

ވިލުފުށީ ސްމާޓް ސްކޫލު

Written By Unknown on Tuesday, March 12, 2013 | 9:57 PM

މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ހުރިހާ ކަމަކަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު މި ވަސީލަތްތައް ވެސް ތައުލީމީ ދާއިރާއާ ވަނީ ގުޅިލާމެހިފަ އެވެ. އެންމެ މި ޒަމާނުގެ ޑިޖިޓަލް ސާމާނާ އެކު ހިންގާ އެއް ސްކޫލަކަށް ތ. ވިލުފުށީ ސްކޫލު ވާނެ އެވެ. މިއީ ރާއްޖޭގައި އުފެއްދި މި ފަދަ ދެ ވަނަ ސްކޫލެވެ. މީގެ ކުރިން މަޖީދިއްޔާ ސްކޫލުގައި ޑިޖިޓަލް ވަސީލަތްތަކާ އެކު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.

ސްމާޓް ބޯޑާއި ލެޕްޓޮޕާއި ޕްރޮޖެކްޓަރު ފަދަ ވަސީލަތްތަކުގެ އެހީގައި ވިލުފުށީ ސްކޫލުގެ ކިޔެވުން މުޅިން "ޑިޖިޓަލް" ކޮށްލުމުގެ ކުރީގައި އެއީ ހަމަ އާދައިގެ ސްކޫލެކެވެ. ނަތީޖާ ވެސް މާ ގޯހެއް ނޫނެވެ. އެ ކަމަކު ސްކޫލަށް މި ބަދަލު ގެނައިތާ މަހެއްހާ ދުވަސްވީ އިރު ދަރިވަރުންނަށާއި އެ ކުދިންގެ ކިޔެވުމަށް ހީ ވެސް ނުކުރާހާ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. 

"ކުދިންގެ ޝައުގުވެރިކަން މި ކަމަށް ވަރަށް ބޮޑަށް ލިބުނު. ކުރިން ދަރިވަރުން ސްކޫލަށް ނާންނަ ވަރަށް މިހާރު އާދޭ. އަދި ކިޔެވުމަށް ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަނީ،" ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ނާހިދު ވިދާޅުވި އެވެ. 

ވިލުފުށީ ސްކޫލުގައި ސްމާޓް ބޯޑުގެ އެހީގައި ކިޔަވައިދެމުން އަންނަ އިރު، ކިޔަވައިދޭ ވަގުތުތަކުގައި ފިލާވަޅާ ގުޅޭ އިތުރު މައުލޫމާތު އިންޓަނެޓްގެ ޒަރީއާ އިން ދަރިވަރުންނަށް ވަގުތުން ދައްކާލެވެ އެވެ. ލެސަން ޕްލޭން ހެދުމަށް ވަކި ފޮތެއް ގެންގުޅުމުގެ ބަދަލުގައި ޓީޗަރުން ބޭނުންކުރަނީ ލެޕްޓޮޕެވެ. އަދި ސާވާއެއް މެދުވެރިކޮށް އެއް ޓީޗަރުގެ ލެސަން ޕްލޭން އަނެއް ޓީޗަރަށް ބަލާލެވޭ އިރު ހުރިހާ ކްލާސްތަކެއްހެން ވެސް ހުންނަނީ އިންޓަނެޓުން ގުޅާލާފަ އެވެ. 

ނާހިދު ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން އައި އެންމެ ބޮޑު ކުރިއެރުމަކީ ކިޔަވައިދިނުމުގައި ދަރިވަރުންގެ ބައިވެރިވުން ބޮޑުވުމެވެ. ކިޔައިދޭ ބައެއް ފިލާވަޅުތައް ދަރިވަރުން ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހަދައި، ކްލާހަށް ހުށަހަޅައި ދެވެ އެވެ. އަދި ކޮންމެ ކްލާހެއްގައި ވެސް ޑެސްކްޓޮޕެއް ބަހައްޓާފައި ހުންނައިރު ޓީޗަރުގެ ހުއްދައާ އެކު ހުރިހާ ކުދިންނަށް ވެސް އެ ބޭނުންކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މުޅި ސްކޫލު ވެސް ހުންނާނީ ވައިފައި ކޮށްފައި. އެހެންވެ، ބޭނުން ވަގުތަކު ދަރިވަރުން ސްކޫލަށް އައިސް ސްކޫލުގައި ހުންނަ ކޮމްޕިއުޓަރުތަކުން ނުވަތަ އެ ކުއްޖެއްގެ ލެޕްޓޮޕުން ފިލާވަޅުތައް ބެލޭނެ،" 226 ދަރިވަރުން ކިޔަވާ އެ ސްކޫލަށް ގެނައި ބޮޑު ބަދަލާ ގުޅޭ ގޮތުން ޕްރިންސިޕަލް ވިދާޅުވި އެވެ. 

ނާހިދު ވިދާޅުވި ގޮތުގައި ގްރޭޑް 1-12 އަށް ކިޔަވައިދޭ އެ ސްކޫލުގައި، ދަރިވަރަށް ކްލާހަށް ނާދެވިގެން ފިލާވަޅެއް ގެއްލުނު ނަމަވެސް ސްކޫލުގެ ސާވާ އަށް ވަދެ ފިލާވަޅުތައް ހޯދޭނެ އެވެ. އެކަމަކު ދަރިވަރުން ސްކޫލަށް ހާޒިރުވުން ވަރަށް މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ. 

ވިލުފުށީ ސްކޫލު، އެންމެ މި ޒަމާނުގެ ވަސީލަތްތަކާއެކު "ސްމާޓް ސްކޫލު"އަކަށް ބަދަލު ކުރީ ބެލެނިވެރިންނާއި ސްކޫލާއި ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ. އަގުބޮޑު އެ ސާމާނުތައް ހޯދުމަށް ފައިސާ ހޯދަން އެ ރަށުގެ މަސްވެރިން ވަނީ، ތިން ދުވަހު މަހަށް ގޮސްގެން 160،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފަ އެވެ. އަދި ވިލުފުށީ ރަށު ކައުންސިލުން 169،000 ރުފިޔާ ހަދިޔާކޮށްފައިވާ އިރު އެ ރަށުގެ ސަރުކާރު މުވައްޒަފުންގެ ތިން ދުވަހުގެ މުސާރަ ވެސް އެކަމަށް ވަނީ ހޭދަކޮށްފަ އެވެ. 

މި ބޮޑު ޕްރޮޖެކްޓަށް ގާތްގަނޑަކަށް 900،000 އެއްހާ ރުފިޔާ އަރާއިރު، ޕްރޮޖެކްޓަށް ހަރަދުވާ ޖުމްލަ ފައިސާ ޗަމްޕާ އާއިލާ އިން ހިންގާ އަލިފުޅު ތުއްތު ފައުންޑޭޝަނުން ވަނީ ސްކޫލަށް ހަދިޔާކޮށްފަ އެވެ. 

"މިއީ ވަރަށް ހަރަދު ހިނގާ ކަމެއް. އެކަމަކު ޓީޗަރުންނާއި ދަރިވަރުންގެ ވަގުތު ސަލާމަތްވުމުގެ އިތުރުން މި ކަމުގެ ފައިދާ ފަހުން ވަރަށް ބޮޑަށް ކުރާނެ،" ނާހިދު ވިދާޅުވި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ވެސް ރާއްޖޭގެ ސްކޫލުތަކަށް މި ފަދަ ތަރައްގީ ގެނައުމެވެ. މާލެ އާއި ރަށްރަށުގެ ބައެއް ސްކޫލުތަކުގައި ވެސް ސްމާޓް ބޯޑްތަކުގެ އެހީގައި ކިޔަވައިދެމުން އަންނަ އިރު އެ ހުރިހާ ސްކޫލުތަކަށް ވުރެ ވިލުފުށީ ސްކޫލު "ސްމާޓް" އެވެ.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. އަޖުމަބަލާ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger