ސަން އޮންލައިންގެ ނޫސްވެރިއަކު މިއަދު ޖަސްޓިސް ބިލްޑިންގް ސަރަޙައްދުގައި ހަރަކާތެރިވަނިކޮށް ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ހައްޔަރުކޮށްފައި ވަނީ ސަންގެ ނޫސްވެރިޔާ އަހުމަދު
އާޒިފެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެކި މައްސަލަތަކުގައި މިއަދު ކޯޓަށް
ގެންދިޔަ މީހުން ފޮޓޯ ނަގަން އުޅުމުން މީޑިއާ ފާސް އަޅައިގެން ހުރެ ފޮޓޯ
ނެގުމަށް ޖަސްޓިސް ބިލްޑިންގުގައި ތިބޭ ފުލުހުން އެންގުމުން އެކަމަށް އޭނާ
ދެކޮޅު ހެދި ކަމަށް ބުނެ އެވެ.
މީޑިއާ ފާސް އެޅުމަށް އާޒިފަށް އެންގުމުން އޭނާ ވަނީ މީޑިއާ ފާސް
ފުލުހުންނަށް ދައްކައިފަ އެވެ. ނަމަވެސް ފާސް އަޅައިގެން ހުރެ ފޮޓޯ
ނެގުމުން އެކި ފަރާތްތަކުގެ އިންޒާރުތައް އަންނާތީ ފާސް އަޅަން
އުޒުރުވެރިވާ ކަމަށް ބުނެ އެވެ. އެ ސަރަހައްދުގައި ނޫސްވެރިން މީގެ ކުރިން
ވެސް ފޮޓޯ ނަގަމުން އަންނަނީ ނޫސްވެރިކަމުގެ ފާސް ނާޅަ އެވެ. އަދި
އެތާނގައި ތިބި ނޫސްވެރިންގެ ތެރެއިން ފާސް އަޅަން ފުލުހުން އެދިފައި ވަނީ
އާޒިފްގެ ކިބައިން އެކަންޏެވެ.
ފުލުހުންގެ އެދުމަށް އާޒިފް ދެކޮޅު ހެދުމުން ފުލުހުން ވަނީ އޭނާ
އެތަނުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ. އޭނާ ގެންދަން
އުޅުމުން އެކަމަށް އޭނާ ދެކޮޅު ހެދުމުން ފުލުހުން އޭނާ ގެންގޮސް ވެހިކަލަށް
ލީ ވެސް އުފުލާލައިގެންނެވެ.
ފާސް އަޅައިގެން ހުރެ ފޮޓޯ ނެގުމަށް ފުލުހުން މިއަދު އެންގި ނަމަވެސް
މީގެ ކުރިން ހުރިހާ ނޫސްވެރިން ވެސް އެތަނުގައި ފޮޓޯ ނަގަނީ ފާސް ނާޅައި
ތިބެގެންނެވެ. އެ ވާހަކަ އެ ފުލުހުންނާ ހިއްސާ ކުރުމުން އެ ފުލުހުން
ބުނެފައިވަނީ އެގޮތަށް އެންގީ "ވެރިން" އެގޮތަށް އެންގުމުން ކަމަށެވެ.
އާޒިފަކީ ސަން އޮންލައިންގައި ކޯޓު ހަބަރުތައް ކަވަރުކުރާ ނޫސްވެރިއެކެވެ.
ފުލުހުން ބުނީ ސަން އޮންލައިންގެ ނޫސްވެރިޔަކު "ސީދާ
ހައްޔަރުކޮށްފައި ނުވާނެ" ކަމަށާއި "މިހާރު ދޫކޮށްލައިފައިވާނެ" ކަމަށެވެ.

Post a Comment