Home » » ނަޝީދުގެ މައްސަލަ ބަލާ ބެންޗް އެކުލަވާލާފައިވަނީ ގާނޫނީ އިމުން ބޭރުން: ޝާހިދު

ނަޝީދުގެ މައްސަލަ ބަލާ ބެންޗް އެކުލަވާލާފައިވަނީ ގާނޫނީ އިމުން ބޭރުން: ޝާހިދު

Written By Unknown on Tuesday, March 12, 2013 | 9:54 PM

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެލުމަށްޓަކައި ހުޅުމާލޭ ކޯޓުގެ ބެންޗް ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައި ވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް އެ ކޮމިޝަންގައި އިންނަވާ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގެ މެންބަރެއްގެ ހައިސިއްޔަތުން މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނޫނާއި ކޯޓުތަކުގެ ގާނޫނަށް ބަލާއިރު ވަކި ފަރުދެއްގެ މައްސަލަ ބެލުމަށް ވަކި ބަޔަކާއި ހަވާލުކުރުމުގެ ވާހަކައެއް އެއިން އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ޖޭއެސްސީ އަށް ލިބިގެން ވަނީ ފަނޑިޔާރުން އައްޔަން ކުރުމާއި ކޯޓުތަކަށް ބަދަލުކުރުމުގެ ބާރު ކަމަށާއި ވަކި ފަރުދެއްގެ މައްސަލަ ބެލުމަށް ބެންޗެއް ކަނޑައެޅުމަކީ ޖޭއެސްސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓުތަކުގެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ކުރާނީ އިސް މެޖިސްޓްރޭޓް ކަމަށް އޮތުމާއެކު އެއީ [ބެންޗް އެކުލަވާލުމަކީ] ޖޭއެސްސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ. ޖޭއެސްސީ އަކީ ފަނޑިޔާރުން އައްޔަން ކުރާ ތަނެއް. އަދި ޖުޑީޝިއަލް ކައުންސިލްގެ ލަފާގެ މަތިން އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލުކުރާ މުއައްސަސާއެއް. އެހެން ކަމުން އެ މުއައްސަސާއިން ވަކި ފަރުދެއްގެ މައްސަލަ ބެލުމަށް ވަކި ބެންޗެއް އެކުލަވާލުމަކީ ގާނޫނީ ހަމައެއް އަދި ގާނޫނީ އުސޫލެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝާހިދު ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ހުޅުމާލޭ ކޯޓުގައި ފަނޑިޔާރަކު ހުންނަވަނިކޮށް އެ ފަނޑިޔާރު އެ ކޯޓުން ދުރުކުރުމަށް ޖޭއެސްސީ ނިންމި ނިންމުމުގައި ވެސް އެކަށީގެންވާ ސަބަބުތަކެއް ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ސަބަބުތައް ކޮމިޓީން ދިރާސާކުރުން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ބެންޗް އެކުލަވާލައިގެން އެންމެންނާ މެދު ހަމަހަމަކާ އެކު ޝަރީއަތް ނުކުރެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކޮމިޝަނަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވެމުން ނުދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ކޮމިޝަންގެ މަސައްކަތް ކުރަންޖެހެނީ ފުލްޓައިމް ކަމަށް ވާއިރު އެހެން މަސައްކަތްތަކެއްގައި ގިނަ ވަގުތު މަޝްއޫލުވާން ޖެހޭ ބަޔަކު ޖޭއެސްސީގައި ތިއްބަވައިގެން ރަނގަޅަށް ކަންކަން ކުރެވިދާނޭ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު އަޅުގަނޑުމެން މިޖެހެނީ ޖޭއެސްސީގެ މިހާރުގެ ފޯމޭޝަން ބަދަލުކުރަން. އެއީ ބުރަ މަސައްކަތެއް. އެއީ ގާނޫނު އަސާސީ އިސްލާހު ކުރަން މިޖެހެނީ. މި ނޫން އެހެން މައްސަލަތައް ވެސް އެބަޖެހޭ ގާނޫނު އަސާސީގައި އިސްލާހުކުރަން. އެ މަސައްކަތްތައް ކޮންމެވެސް ހިސާބަކުން މި ވަނީ ފަށަން ޖެހިފައި،" ޝާހިދު ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ޖޭއެސްސީއާ އަދިވެސް ޝަރުއީ ދާއިރާއާ މެދު ކިޔާ ފާޑުކިޔުންތައް އެއީ ރަނގަޅު ކަންތައްތައް ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ. އެ ކަންތައްތައް އަޑު އެހުމުގެ ރޫހެއް ޖޭއެސްސީގެ ތެރޭގައި އުފައްދަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިކަމަށްޓަކައި އަޅުގަނޑުމެންގެ ސިކުނޑިތަކާއި ހިތްތައް ހުޅުވެން ޖެހޭ. އޭރުން އަޅުގަނޑުމެންނަށް އިސްލާހުތަކެއް ގެނެވޭނީ. ކަންކަން ރަނގަޅު ކުރެވޭނީ،" ޝާހިދު ވިދާޅުވި އެވެ.

އަދި ޖޭއެސްސީ ފަދަ މިނިވަން މުއައްސަސާތަކުގެ އިންޓެގްރިޓީ ހިފެހެއްޓުމަށް ކޮމިޝަންތައް އެކުލަވާލުމުގައި އެ ތަންތަނުގައި ސިޔާސީ ކުލަޖެހިފައިވާ ކަމަށް ދޭހަ ނުވާނެ ފަދަ ގޮތަކަށް  އިސްލާހުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. އަޖުމަބަލާ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger